މި
ލިޔުން ޚާއްސަ މިކޮށްލަނީ ޑީ.އެސް.އާރް.ސީ އަށެވެ. އޭގެ ހަޔާތުން ވޭތުކުރި 5
އަހަރާ އޭގެ ކުރިއަށް އަޅުގަނޑުގެ ލޮލުން ބަލައިލެވޭ ބަލައި ލުމަކަށެވެ.

ކިޔަވަމުން
ދިޔަ ދުވަސް ވަރުގެ ވާހަކަ އަކީ މި ލިޔުމުގެ މަޤްސަދު ކަމުގައި ނުވުމުން މި
ލިޔުމުގެ އަސްލަށް ޖެހިލާނަމެވެ. އެއީ 1999 ވަނަ އަހަރުގެ ޑިސެންބަރެވެ. ރާއްޖޭގެ
އެކި ކަންކޮޅުތަކުގައި ދިޔައީ އާ ސާސްކަފަށް ތައްޔާރު ވުމުގެ ގޮތުން އެތަށް ކަމެއް
ރާވަމުން ނެވެ. އެގޮތުން ކެންދޫގައިވެސް ކުރާނެ ކަންތައްތަކެއް އިސް ފަރާތް ތަކުން
ދިޔައީ ނިންމަމުން ނެވެ. އެގޮތުން ނިންމުނު އެއް ކަމަކީ ދެކޮޅު ވާދައަށް ފުޓްބޯޅަ
މެޗެއް ކުޅުމެވެ. އެވެސް އަޅުގަނޑުމެންގެ އުމުރުގެ ކުދިންގެ މެދުގައެވެ. އެކަން
ވެގެން ދިޔައީ އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.
އަޅުގަނޑުގެ
ނިސްބަތްވަނީ އިރުމައްޗަށް ކަމަށް ވިޔަސް އެކުގައި އުޅެނީ ހުޅަނގު ކޮޅު ކުދިން
ކޮޅެވެ. އެހެންކަމުން ކޮންމެ ގޮތެއްވިޔަސް ކުޅެން ނިންމީ ހުޅަނގު ކޮޅަށެވެ. ކުޅެން
ނިންމީ އޭ ބުނި ކަމުގައި ވިޔަސް އޭރު ވެސް މިހާރުވެސް އަޅުގަނޑަކީ ކުޅެން މާ
މޮޅުމީހެއް ނޫނެވެ. ތަނބެއް ދަނޑުމަތީ ގައި ބެހެއްޓުމުން ވާނެ ފައިދާ އަޅުގަނޑު
ކުޅެގެންވެސް ވާނެއެވެ. އެވެސް ވާނީ ކުޅުމައްތާ ދޯއެވެ! އެހެންވެ ކުޅެން ބޭނުންވާ
ވާހަކަ ލިޔެލީއެވެ.

އެލިސްޓް
ލިޔުނު ކަމުގައި ބުނާ އަޙްމަދު މުޙައްމަދު (ކޮރެއާ) އާ ބައްދަލު ކުރަން ދިޔައީ
މެވެ. ވަރަށް ވެފައި އެވެ. އެކަން މިހާރު ހިތަށް އަރާ ހިނިވެސް އާދެއެވެ. އޭނާ
ގާތުން އެނގުނު ގޮތުނގައި ނަންތަކެއް ޖަހާލާފައިވާ ގަނޑެއް އޮފީހަށް ދިނީއެވެ.
އޭނާ ކައިރީ އެވޭހޭ ޓީމް ލިސްޓަކަށް އަދި އަމުދުން އެއްބަޔަކު މަދުން ޖަހައިގެން
ޓީމަކަށްނުވާނޭ އެ ލިސްޓް އޮފީހުންނަގާ އެއަށް ބަދަލު ގެންނަން ބުނީމެވެ.
އަޅުގަނޑުމެންގެ އުނދަގޫ ބޮޑުވުމުން އޭނާ އެކަމަށް އެއްބަސްވެ " ކަލޭމެން
ބޭނުން ގޮތެއް ތިޔަށް ހަދާ. މަނެތިން އޮފީހުން އެގެނެސްގެން ތިބުނާ ބަދަލެެއް
ގެންނާކަށް" މިހެން ބުންޏެވެ.
ވީ
އެންމެ އަވަހަކަށް އޮފީހާ ދިމާލަށް ދުއްވައިގަތީމެވެ. އޮފީހަށް ގޮސް އަބްދުﷲ އަލީ
( އެއްގަމުގެ އަބޯ) އަތުން އެލިސްޓް ނަގައި އެއަށް ވުރެ ފުރިހަމަ ލިސްޓެއް
ގެންނަން ކަމަށް ބުނެ ދުއްވައިގަތީމެވެ. އޭރު އެކަމުގައި އިސްކޮށް ތިބީ ނުވަ
ކުއްޖެކެވެ. އެއީ އަސަދުﷲ އަލީ (އަސޭ)، އަޙްމަދު މުޖުތަބާ (މުޖޭ)، އާދަމް
އަބްދުއްރަޙްމާން(ޑޮނާޑް)، އަބްދުﷲ ޖަމާލް، މުޙައްމަދު އާދަމް (މޯޑް)، އިއްބެ،
ވާލިދު އިދުރީސް (ވޯލްޑް)، އަސްފަރު އަލީ (އައްޕަރޭ) އަދި އަޅުގަނޑެވެ. ވަރަށް
ގިނަ ބަހުސް ތަކަކަށް ފަހު ޓީމަށް ކިޔާނެ ނަމެއް ކަނޑައެޅުނެވެ. ޓީމްގެ ނަމަކަށް
"ޑައިމަނޑް ސްޕޯޓްސް" ދިނުމަށް ފަހު މެނޭޖަރަކާއި އޮފިޝިއަލުން
ކަނޑައަޅާ ޑައިމަންޑް ސްޕޯޓްސް ވުޖޫދަށް ގެނެވުނެވެ. ފުރަތަމަ މެނޭޖަރަކަށް
އަޅުގަނޑު ވުމުގެ ޝަރަފާއެކީ އެވެ. އަދި އިސްކޮށް އުޅުނު ނުވަ މީހުން ނަކީ
ފައުންޑަރ މެމްބަރުން ކަމުގައި ކަނޑައަޅާ އޮފިސިއަލް ކޮށް "ޑައިމަންޑް
ސްޕޯޓްސް" އުފެދިގެން ދިޔައީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ
ދުވަހު އެވެ. ކެންދޫގެ ތާރީޚްގައި އާޓީމެއް އުފެދިގެން ދިޔައީ އެވެ.
އިރުމަތީ
ކޮޅުގެ ޓީމަށް އެމީހުން ދިން ނަމަކީ ބީ.އެލް.ޓީ ( ބެސްޓް ލިޓްލް ޓީނޭޖާސް) އެވެ.
ވަރަށް ފޯރިގަދަ ތާރީޚީ މެޗެއް އެދުވަހުގެ ހަވީރު ކެންދޫ ފުޓްބޯޅަ ދަނޑުގައި
ކުޅެވިގެންދިޔައެވެ. އެ ތާރީޚީ މެޗް ފަޚްރުވެރި ކަމާއެކު ކާމިޔާބް ކުރީ ޑައިމަންޑް
ސްޕޯޓްސް އެވެ. ޓީމްގެ މެނޭޖަރަކަށް ވުމުގެ ސަބަބުން ޓީމްގެ އެންމެ އިސްމީހެއްގެ
ގޮތުން ހަރަކާތް ތެރިވާން ޖެހުނީ އަޅުގަނޑަށެވެ.

މުބާރާތަށް
ތައްޔާރު ވުމުގެ ގޮތުން ދޭނެ ސެޓްފިކެޓްތައް ކަނޑައަޅާ އެ ތައްޔާރު ކުރުމުގެ
މަސައްކަތް ބ.އޭދަފުށީ ތާރިޤް އަބްދުއް ރަޙްމާން ގެ އެހީތެރިކަމާއެކު ކުރީމެވެ.
އޭރު އެއީ ހާދަ ހާވާ ބުރަ ދުވަސްވަރެކެވެ. ސެޓްފިކެޓްގެ ލިޔުންކޮޅު ޕްރިންޓްކޮށް،
ބިސްމި ޕްރިންޓްކޮށް ބޯޑަރެއްލީ ވަކި ވަކިންނެވެ. އެކަމަކުވެސް އޭރަށްބަލާއިރު
އެއީ ވަރަށް ފުރިހަމަ ސެޓްފިކެޓެކެވެ.
މުބާރާތުގައި
ތިންޓީމަކުން ބައިވެރިވިއެވެ. އެއީ ޑައިމަންޑް ވެސް ލައިގެންނެވެ.
ޗެމްޕިއަންޓީމަށް ދިނީ ނޫޑްލީސް ކޭހެކެވެ. ރަނަރަޕް ޓީމަށް ކޭހެއްގެ ދެބައިކުޅަ
އެއްބައެވެ.ފުރަތަަމަ ޑައިމަނޑް ކަޕްގެ ޝަރަޕްވެރި މެހްމާނަކީ ނަސްރުﷲ އަލީއެވެ.
ނަސްރުގެ ހެޔޮ ބަސްތަށްވީ ކުރިއެރުމަށްވި ބާރަކަށެވެ. އަދި ބައެއް މީސްމީހުން އުކި
ގަޅި ބަސްތަކަކީވެސް ކުރިއެރުމަށް ލިބުނު ބާރަކަށެވެ.

މުބާރާތް
ހިންގުމަށާ ޓީމް ހިންގުމަށް ބޭނުންވާ ފައިސާ ހޯދީ އެކި އެކި މަސައްކަތް
ކޮށްގެންނެވެ. ގާއެޅުމާއި ވެލި ގެނައުމާއި ވަޅުދިޔަ ހިއްކުން ފަދަ އެތައްކަމެއް
ކުރީމެވެ. ކިޔެވުމަށްފަހު ލިބޭ ބަންދުގެ ގިނަދުވަސް ތަކުގައި ދިޔައީ ޓީމަށް
އެއްޗެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި ޓީމްގެ އެންމެހާ
މެންބަރުން ގެންގުޅުނެ އެކުވެރިކަން ފާހަގަ ކުރަމެވެ. ޓީމް މިގޮތަށް ކުރިއަރާ
މުބާރާތް ކުރިއަރަމުން ދިޔަ ވަރަކަށް މެމްބަރުންގެ ޚިޔާލުވެސް ދިޔައީ ތަރައްޤީ
ވަމުންނެވެ. މިވީހާ ތަނަށް އައި އިރު ދެތިން އަހަރެއް މެނުވީ އަޅުގަނޑު ހުރީ
ޓީމްގެ އެންމެ އިސް މަޤާމްގައެވެ.
އޭރުގައި
ތިބި އެންމެން ސްކޫލް ނިމުމުން ކްލަބެއްގެ ގޮތުގައި ރަޖިސްކުރުމަށްނިންމީ މެވެ.
އަދި އެކަމަށް ތާރީޚެއްވެސް ކަނޑަ އެޅީމެވެ. އެންމެންވެސް މަސައްކަތް
ކުރަމުންދިޔައީ ޓީމަށް އިތުރު ކުރިއެރުން ގެނައުމަށެވެ. ޓީމްގެ މެމްބަރުންގެ
މެދުގައި އޮތީ ވަކި ނުކުރެވޭނެ ފަދަ ވަރުގަދަ އެކުވެރި ކަމެކެވެ. އެއީ ދެވަނަ އެއް
ނެތް ފަދަ ބަދަހި ގުޅުމެކެވެ. މި ގުޅުން ވަރުގަދަ ވަމުން ދިޔަ ވަރަކަށް
މެމްބަރުންވެސް ދިޔައީ އިތުރުވަމުންނެވެ. އެއީ ކުރިއަރަމުން އައި ކަމުގެ އެއް
ހެއްކެވެ. ނޫޑްލީސް ކޭހުން ފެށި މީހުން ޓްރޮފީ އާއި މެޑަލް އަދި ކުލަ ސެޓްފިކެޓާ
ހަމައަށް ދެތިން އަހަރުގެ ތެރޭގައި އައެވެ. މިއިން ކޮންމެ ކުރި އެރުމެއްގައި
އަޅުގަނޑުގެ ޙިއްސާއެއް ވުމަކީ މިއަދު ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.
ޑައިމަންޑް
ސްޕޯޓްސް ގެ ހަޔާތުގައި ހިނގާ ދިޔަ ކޮންމެ ކަމަކީ ހިތުން ފުހެލަން އުދަގޫ ކަންތައްތަކެވެ.
އެހެންނަމަވެސް ޚާއްސަ ކަންތައްތަކެއް ފާހަގަ ކޮށްލާނަމެވެ. ޖާޒީ ބައި
ގަތުމަށްޓަކައި ފަސް މެމްބަރަކު މާލެ ކުރި ދަތުރަކީ ވަރަށް ޚާއްސަ ދަތުރެކެވެ.
ރަށަށް ފުރައިގެންދިޔައީ އަމިއްލަ ޖާޒީ ބައެއް ހިފައިގެންނެވެ. ސެޓްފިކެޓްބަލާ އޭދަފުއްޓަށް
ކުރެވުނު ދަތުރަކީވެސް ހަނދާނީ ދަތުރެކެވެ. މާސް ކަޕްގެ ޗެމްޕިއަންކަން ހޯދުމާ
އަދި ދެންވެސް ދެވުނު ދަތުރު ތަކާ އެދަތުރުގައި ކުރެވުނުހާ ކަންކަން ދަރިންގެ
ދަރިންނަށް ދަންދެން ހިތުގައި ބިންވަޅުނެގިފައި ހުންނާނެއެވެ.

ޑީ.އެސް.އާރް.ސީ
ގެ އުމުރުން މިއަދު ފަސް އަހަރު ފުރުނު އިރު އޭގެ ޅަ ހަޔާތުގައި ވަނީ އެތައް
ކާމިޔާބެއް ހޯދިފައެވެ. ޑައިމަންޑް ސްޕޯޓްސް އިން ފެށި ޑައިމަނޑް ކަޕްގެ 14 ވަނަ
ކަޕް ވަނީ ބޭއްވިފައެވެ. މި ކަޕްގެ އިތުރުން ތިންމުގޯލި މުބާރާތަކާއި ބަށި
މުބާރާތަކާއި ވަންޑޭ ކަޕްގެ 3 މުބާރާތާއި މަސްބޭނުމުގެ މުބާރާތެއް ވަނީ
ބާއްވާފައެވެ. އަދި ކުރިއަށް އޮތް އަހަރު ތަކުގައި އިތުރު މުބާރާތްތަކާއި ކަންތައް
ތަޢާރަފް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތް ތަށް ފޯރިގަދަ ކުރުމުގެ
ގޮތުން ދެވޭ އިނާމްތަށް ވަރުގަދަ ކުރުމަށް މެމްބަރުން ދަނީ ބާރު އަޅަމުންނެވެ.
އަމިއްލަ ސައުންޑް ސިސްޓަމަކާއި އެތަކެއް ކުޅިވަރު ކުޅޭނެ ސާމާނު ކްލަބްގެ
މިލްކިއްޔާތުގައި އެބަހުއްޓެވެ. ރަށުންބޭރުން ވެސް ވަރަށް ހަރަކާތް ތެރި
މެމްބަރުން ތަކެއް ވަނީ އުފެދިފައެވެ. ފަހަކަށް އައިސް އެހެން ކްލަބަކުން ބޭއްވި
ފުޓްބޯޅަ މުބާރާތްވެސް ވަނީ ކާމިޔާބް ކޮށްފައެވެ. މެމްބަރުންގެ އަދަދު ވަނީ
އިތުރުވެފައެވެ.

މިއަދު
އަޅުގަނޑަކީ އާއްމު މެމްބަރަކީމެވެ. އެހެންނަމަވެސް ވަރަށް ފަޚްރުވެރިކަމާއެކު
ބުނެލަން ބޭނުމީ 2012 ވަނަ އަހަރުގެ ހިންގާ ކޮމިޓީއަކީ މިހާތަނަށް ދުށް އެންމެ
ވަރުގަދަ ކޮމިޓީއެވެ. ކޮމިޓީގެ ޗެއަރމަން މުޖޭ، ރައީސް އަސޭ ނައިބް ރައީސް އަބްދުﷲ
ޝަރީފް، ދެ މުއައްސިސުން އަދި ކޮމިޓީގެ އެހެން މެމްބަރުންނަށް ހިތުގެ ފުންމިނުން
ޝުކުރު ދަންނަވަމެވެ. ޑީ.އެސް.އާރް.ސީ
އަކީ އަޅުގަނޑުގެ ހަޔާތުގެ އެއްބައެވެ. އަޅުގަނޑާ ޑީ.އެސް.އާރް.ސީ އާއި ދެމެދު އޮންނަނީ ލޭގެ
ގުޅުންފަދަ ވަރުގަދަ ގުޅުމެކެވެ. ޑީ.އެސް.އާރް.ސީ އަށް ދެވޭ ކޮންމެ އަނިޔާއަކީ
އަޅުގަނޑަށްވެސް ދެވޭ އަނިޔާއެކެވެ. ކުރެވޭ ކޮންމެ ތަޢުރީފަކީ އަޅުގަނޑަށްވެސް
ކުރެވޭ ތަޢުރީފެކެވެ. މިއީ އަޅުގަނޑު ލޯބިވާ ކްލަބެވެ. އެންމެ ކުޑައިރުން ފެށިގެން
ރައްކާތެރިކަމާއެކު ބޮޑު ކުރި ދަރިއެކެވެ.

No comments:
Post a Comment