ޖެނުއަރީ 1 ވަނަ ދުވަހުގެރޭ ދިވެހި ފިލުމެއް ބަލަން އަންހެނުން ތަކަކާ އެކު ދިއުން ވެގެން ދިޔައީ ޙަޔާތުގައި އެޅުނު އާ ފިޔަވަޅަކަށެވެ. އޭގެ ކުރިން ސިނަމާއަކަށް ދިވެހި ފިލްމެއް ބަލަން ގޮސްފައިވަނީ ފިރިހެން ގުރޫޕަކާއެކުގައި ދިވެހި ފިލްމު ނިޢުމާއަށެވެ. އެތަޖުރިބާ އަކީ ޖެނުއަރީ 1 ގައި ކުރެވުނު ތަޖުރިބާއަށްވުރެ ތަފާތުބޮޑު ތަޖުރިބާ އެކެވެ. އާއަހަރު ފާހަގަ ކުރުމަށް މިވެސް ދެރަ ގޮތެއް ނޫނެވެ. ޙަޤީގަތުގައި އެރޭ ފިލްމަށް ދާން ނިންމީވެސް އެކުވެރި ރަޙްމަތް ތެރިން ދާން ބުނީމައެވެ. ދިވެހި އޯޑިއެންސްގެ ވާހަކަ ވަރަށް އަޑު އަހަމެވެ. ދިވެހި އޯޑިއަންސްއާ ބެހޭ ގޮތުން އެއްޗެއް ބުނުމުގެ ކުރިން ފިލްމަށް ބަލައިލަމާ ހިނގާށެވެ.
ދިވެހި ފިލްމް " ހެޔޮނުވާނެ" އަކީ ދިވެހި ފިލްމްތަކުގައި މިހިމެނޭ ހުރިހާ ރަހައެށް އެކުލެވިގެން ހެދިފަައިވާ ފިލްމެކެވެ. މުޅި ފިލްމަށް ބަލައިލާ ކަމުގައި ވާނަމަ ފިލްމަކީ ވަރަށް މޮޅު ފިލްމެއް ކަމުގައި ދެކެމެވެ. ނަހުލާ ޕްރޮޑިއުސްކުރާ އެހެން ފިލްމްތަކެކޭ އެއްފަދައިން ކޮލިޓީއެއް އެކުލެވިގެންވާ ރީތި ފިލުމެކެވެ.ހުރިހާ ގޮތަކުންވެސް ކާމިޔާބު ވާނެ ކަމަށް ބެލެވޭ ފިލްމެކެވެ. ޔޫއްޕެގެ ޑައިރެކްޝަން ވަރަށް މޮޅެވެ. ތަރިންގެ އެކްޓިންގ އާމެދު ބުނާނެ ދެވަނަ އެއްޗެއްނެތެވެ. އަސަރު ކުރުވަނިވި އެކްޓިންގ އެކެވެ. މިއީ ދިވެހި ފިލްމް އިންޑަސްޓްރީ ކުރިއަރަމުން އަންނަ ހެއްކެތް ކަމަށް އަހަރެން ޤަބޫލުކުރަމެވެ. ޓެކްނިކަލް ކަންތަށްތަށްވެސް ރަނގަޅެވެ. އެންމެ ފާހަގަކޮށްލެވޭކަމަކީ ލަވަތަކެވެ. ފިލްމުގައި ހިމެނިފައިވަނީ ވަރަށް ހިތްގައިމު ލަވަތަކެކެވެ. އެލަވަތަށް ގެނެސްފައި ވަނީ އެންމެ އެކަށީގެންވާ ތަންތަނުގައިކަން ފާހަގަކޮށްލަމެވެ. ޚާއްސަކޮށް ފިލްމްގެ ތީމްލަވައިގެ އަސަރުގަދަވާހަކަ އެންމެންވެސް ދައްކައެވެ.ފިލްމުގައި ކަމުނުދާ ކަންތަށްތަކަށް ވެސް ބަލައިލަމާ ހިނގާށެވެ.
ރިޒޫ ( ފަރީލާ) 8 އަހަރުދުވަހު ޒިޔާދު ( ޔޫއްޕެ) އަށް ޓަކައި އިންތިޒާރު ކުރި އިރު ޒިޔާދުގެ އެއްވެސް ޚަބަރެއް ރިޒޫއަކަށް ނުލިބެއެވެ. މިއީ ޤަބޫލުކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. މިކަހަލަ ޒަމާނެއްގައި އެފަދަކަމެއް ހިނގާފާނެ ކަމާމެދު ވަރަށް ބޮޑަށް ޝައްކެވެ. ޒިޔާދު ދެކެ އެވަރަށް ލޯބިވާ މީހަކު މަޢުލޫމާތު ހޯދަން ނޫޅޭ ނުހުންނާނެއެވެ. ހޯދަން އުޅޭނަމަ މަޢުލޫމާތު ހޯދުމަކީ ފަސޭހަކަމެކެވެ. 8 އަހަރު ދުވަހަކީ މަދު ދުވަސްކޮޅެއްވެސް ނޫނެވެ.
A poster of Heyonuvaane |
ޑޮކްޓަރަކަށް ވުމަށްފަހުގައި ރިޒޫ ބޭނުންވީ ޒިޔާދު އުޅޭ ރަށުގައި މަސައްކަތް ކުރުމަށެވެ. އެރަށުގެ ސިއްހީމަރުކަޒު ނުވަތަ ހޮސްޕިޓަލްއިން ޖާގައެއް ނުލިބުމުން ސުކޫލުން ޓިޗަރެއްގެ ވަޒީފާ ހޯދީއެވެ. ވެދާނެ ކަމެއްބާ ވައެވެ؟ ހަމަގައިމުވެސް ވުމަށް ވުރެ ނުވުން ގާތްކަމެކެވެ. ފަހަރެއްގައި ރިޒޫއާ ސަރުކާރުގެ ބޮޑެތި ބޭފުޅުންނާ ގުޅުން އޮންނަނީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އެސުކޫލުގައި މެޑިސިން ކިޔަވައިދެނީ ބާވައެވެ؟ ނޫނީ ރިޒޫއަކީ ހަމަ މޮޅު ޓީޗަރަކަށް ވެސް ވެދާނެއެވެ.މިއީ ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ. ސްކޫލުގައި އޮތް މީޓިންއަކަށް 6 ޓީޗަރަކު އައުމުން އެއީ ސުކޫލެއް ނުވަތަ ޓިއުޝަން ސެންޓަރ އެއްބާވައޭވެސް ސުވާލު އުފެދުނެވެ. ހަމަގައިމުވެސް އެއީ ޕްރީ ސްކޫލަކަށް ނުވާނެއެވެ. އެއަށްވުރެ ބޮޑެތި ކުދިން އެތާ ކިޔަވަމުން ދިޔައެވެ. އެހެންކަމަށްވާނަމަ އެހާ މަދު ޓީޗަރުންތަކެއް އުޅެނީ ކީއްވެބާވައެވެ. އެބައި ކުޅޭނެ ރަނގަޅު މީހުން ނުލިބުނީ ކަމަށްވެސް ވެދާނެއެވެ.
މުނާ ( ޝީލާ) އެއްލި ޖޯޑަކުންޖެހި ޒިޔާދުގެ ބޯފަޅައިގެންދާ މަންޒަރަކީ ވަރަށްފުރިހަމަ މަންޒަރެކެވެ.ޚާއްސަކޮށް ޔޫއްޕެއާ ޝީލާގެ އެކްޓިން ވަރަށް ކަމުދެއެވެ. އެކަމަކު އެމަންޒަރުގެ ރީތިކަން ގެއްލުވާލީ އޭގެ އަޑުންނެވެ. އެޖޯޑު ޒިޔާދުގެ ގައިގާ ޖެހުމުގެ ކުރިން ތަޅައިގެން ދިޔަ އަޑު އިވުނެވެ. އެޑިޓް ކުރިމީހާ ވިސްނާ ނުލަނީބާ ވައެވެ. ފަހަރެއްގައި އަޑު މަންޒަރަށްވުރެ ބާރަށް ދަތުރު ކުރަނީ ކަންނޭގެ އެވެ. ވީގޮތެއް ހަމަ ނޭގެއެވެ.
ފިލްމު ނިމުމުގެ މަގުމަތީގައި މުނާ ގޭތެރޭ ހުންނަ ޕޮންޑެއްގެ އަރިމަތީ އޭނަގެ ނިތްކުރި ވަރަށް ބާރަށް ތަޅައެވެ. އެކަމަކު އެންމެ ކޫރުމެއްވެސް އޭނަގެ މޫނުމައްޗަކު ނެތެވެ. ކޮންކަހަލަ މޫނެއްބާވައެވެ. ޕޮންޑް ހަމަގައިމުވެސް ހަދާފައިހުރީ ސްޕޮންޖަކުން ނޫނެވެ. މުނާ ހަމަ ވަރުގަދައީ ދޯއެވެ؟ ހަމަ އެގޮތަށް މުނާ ރުޅިއައިސްގެން ހުރެ މާނީ ( ކުޑަ ކުއްޖާ) ގައިގާ ވަރަށް ބާރަށް ދަތްއެޅިއެވެ. ކުޑަކުޑަކޮށް ތަދުވުންފިޔަވައި މާބޮޑު ކަމެއްވީ ތަނެއް ނުފެނެއެވެ.އެހާބާރަށް ދަތްއަޅާއިރު ތަނެއް ކަނޑާނުލާ ނުދާނެކަން ހަމަ ޔަގީނެވެ.މިީ ހަމަޖެހޭ ކަމެއް ބާވައެވެ.
Film Promtion |
އޮލިމްޕަސް ސިނެމާއަކީ ބަޔަކު ފިލްމު ބަލަން ނުވަތަ އެހެން ކަމެއް ކުރަންވެސް އެކަށީގެންވާ ތަނެއްނޫނެވެ. އެތަނުގެ ވެންޓިލޭޝަން ކަމަކު ނުދެއެވެ. ހޫނު ގަދަކަމުން އެހާ އުނދަގޫވެއެވެ. ސްކްރީނުގައިވެސް އެތަށް ލަށްގަޑެއް ހުޓެވެ. މިކަންކަމާ ހުރެ ފިލްމްގެ ރީތިކަންވެސް ގެއްލޭތަން އާދެއެވެ. މިއީ ރަނގަޅުކުރަން ޖެހޭ ކަންތައްތަކެވެ.
ފިރިހެން ކުދިން ދިވެހި ފިލްމް ބަލަން ނުދަނީ ކީއްވެބާވައޭ ހިތަށްހަމަ އަރައެވެ. ދިވެހި ފިލްމް އިންޑަސްޓްރީ ކުރި އެރުވޭނީ އެންމެންގެ ހިއްސާއެއް އޮވެގެންނެވެ. ހަދާ ފިލްމުތަކުގެ ރަހަތަށް ބަދަލު ކުރެވޭނީ ވެސް އޭރުންނެވެ. އިނގިރޭސި އަދި ހިންދީ ފިލްމް ބެލުމަކުން މިއިންޑަސްޓްރީ ކުރިއެރުވޭނެ ހެއްޔެވެ؟ ފިލްމުގެ ނުރަނގަޅު ވާހަަކަ ދައްވަންވާނީ އެބެލުމަށްފަހުއެވެ. ރަނގަޅުކުރަން ހުންނަ ކަންތައްތައް ފާހަގަ ކުރާނަމަ ކިހާ ރަނގަޅުވާނެހެއްޔެވެ. ކޮންމެ ފިލްމަކަށް މިއަންހެންކުދިން ދާހެން ނުދިޔަސް ދޭރެއަކުން ފިލްމަކަށް ޖައްސާލުން އޯކޭ އެއްނޫން ހެއްޔެވެ؟ މަޖާ ކޮށްލަންވެސް މިއީ ހަމަ ރަނގަޅު ކަމެކެވެ. އަހަރެންނަށް މިކަންވީ މަޖާ ކަމަކަށެވެ.
1 comment:
I watched this 'heyonuvaane' as the first Dhivehi movie I watched in last 4 years. Noticed a good improvement in Fareela and Eupe's acting compared to 'vaaloabi en'geynama' which I watched in 2006.
I was laughing about the fact that Rizu did medicine in Male', maybe its also gonna come true a near future in Maldives, lets hope.
and thats the only Nahula's movie I watched without crying. Maybe coz of the crowd I went with.
Post a Comment